އިންސާނުން އުފައްދަވައިފައި ވަނީ އެކަކު އަނެކަކާއި ގުޅިލާމެހިގެން އުޅުމަށެވެ. ކޮންމެ އިންސާނެއްގެ އުފަލާއި، ހިތްހަމަޖެހުމާއި، ދިރުން، ބިނާވެފައި ވަނީ މިބުނި ދޭދޭ ގުޅުމުގެ މައްޗަށެވެ. މާނައަކީ އެކަކު އަނެކަކާ އޮންނަ ގުޅުން ކުޑަނަމަ ނަފްސާނީ އަދި ޖިސްމާނީ ބަލިތަކަށް މަގުފަހި ވެގެންދާނެކަމެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ބަލިމީހަކަށް ލޯތްބާއި އޯގާތެރިކަން ލިބޭނަމަ އެމީހާ ބަލިން އަވަހަށް ރަނގަޅުވުމުގެ ފުރުސަތު އޮވެ އެވެ.
ބަލިމީހުނަށް ޒިޔާރަތް ކުރުމަކީ ބަލިމީގެ ބައްޔަށް ލުއިތަކެއް ލިބޭ ކަމެކެވެ. ބަލިމީހާއަށް އޭނާގެ ބަލީގެ ސަބަބުން ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމާއި ހިތާމައަށް ލުޔެއް ލިބޭކަން މިއަދު ވަނީ ސައިންސްގެ ހޯދުންތަކުން ޔަގީން ކޮށްދީފަ އެވެ.
ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ބަލިމީހާއަށް ޒިޔާރަތްކުރުމުން އެމީހާގެ ބަލި ރަނގަޅުވަނީ ޒިޔާރަތް ކުރާމީހުންގެ ސަބަބުން ބަލިމީހާގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. އެގޮތުން ފާހަގަ ކުރެވިފައި ވަނީ ބަލިމީހާގެ ސިކުނޑީގައިވާ "މިރާ ނިއުރޯންސް" ސެލްތައް އޭނާއަށް ކުރާ އިހްސާސްތަކާއެކު އެސެލްތަކުގެ ހަރަކާތް އިތުރުވާކަމެވެ.
ގާތް މީހުން ނުވަތަ އުފާވެރި މޫނަކައިގެން ތިބޭ މީހުން ޒިޔާރަތްކުރުމުން ބަލިމީހާގެ ސިކުނޑީގައިވާ މިރާނިއުރޯންސްގެ މަސައްކަތް އިތުރުވެ ބަލި ރަނގަޅުވާ ފަދަ އިހްސާސްއެއްކުރުވަ އެވެ.
ހަމަ އެހެންމެ އެހެން މީހުން އުފާކުރާތަނާއި ހިތާމަކުރާ ތަން ބެލުމުން ވެސް ހަމަ މި މިރާ ނިއުރޯންސްތަކުގެ ހަރަކާތް އިތުރުވެ އެވެ. މާނައަކީ ކޮންމެވެސް އިހްސާސްއެއްކުރުވާކަމެވެ.
މިސާލަކަށް އުފާވެރި ހިނިތުންވެލާފައިވާ މީހަކު ފެނުމުން ހިނިތުން ވެލެވެ އެވެ. ރުޅިއައިސްފައިވާ މޫނެއް ފެނުމުން ޕްރެޝާ މައްޗަށް ދެ އެވެ. ކޮންމެ ކަމަކުން އިހްސާސެއް އުފައްދަ އެވެ. އަދި ކޮންމެ އިހްސާސަކާއެކު މިރާ ނިއުރޯންސް މަސައްކަތް ފަށަ އެވެ.
ޔުނިވާސިޓީ އޮފް ކެލެފޯނިއާގައި ކުރި ތަހުލީލަކުން މިރާ ނިއުރޯންސްގެ ރޯލެއް އޯޓިސްޓިކް ކުދިންގެ ނުހުންނަ ކަމަށް ވަނީ ހޯދިފަ އެވެ. އެ ކުދިންނަށް އެހެން މީހުންގެ އިހްސާސް ދަނެގަތުމުގައި އުނދަގޫތަކެއްވެ އެވެ.