އޮކްސިޖަން ސިލިންޑަރު ގެނައުމަށް މޯލްޑިވް ގޭހުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެ ކުންފުންޏަށް ބޭނުންވާ 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރު ގަންނަން ބޭރުގެ ހަ ކުންފުންޏަކަށް ކޯޓޭޝަން ހޯދަން ފޮނުވުމުން، އެ ކުންފުނިތަކުގެ ތެރެއިން އެކަމަށް ޝައުޤުވެރިކަން ފާޅުކުރީ އެންމެ ކުންފުންޏަކުންނެވެ. އެ ކުންފުންޏާ 1،000 ސިލިންޑަރު ގެނައުން ހަވާލުކުރުމަށްފަހު، ބާކީ ހުރި 3،000 ސިލިންޑަރު ގަންނަން ހަވާލުކުރީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެ އެވެ.

ކޮވިޑާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ހޯދުމަށް ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި މައްސަލާގައި ތުހުމަތުވަނީ ވަގުތީ ގޮތުން މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އަދި މިވަގުތު މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައިވާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީގެ މައްޗަށެވެ.

އޭސީސީން ބުނީ ރާއްޖެއަށް އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމަށް މޯލްޑިވް ގޭސްއިން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ އަހަރު އެކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވެނީ ކިތައް މީހުންގެ މައްޗަށްކަން އޭސީސީން ނުބުނެ އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެން ބޮޑު ކަމަށެވެ. އެ ކުންފުނި މެދުވެރިކޮށް ސިލިންޑަރު ގެނައުމަށް އިކްރާމް އިރުޝާދު ދެއްވާފައިވާ ސަބަބަކީ އަގު ބޮޑުވިޔަސް ވިހާވެސް އަވަހަށް އެތަކެތި ގެނައުންކަން އެނގެން އޮތް ކަމަށެވެ. އަދި އައު އޮކްސިޖަން ސިލިންޑަރުތައް ފޮނުވަން އެދުމުން ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ބާ ސިލިންޑަރުތަކެއްކަން ވެސް އެ ކޮމިޓީގެ މައުލޫމާތުތަކުން އެނގިފައިވެ އެވެ.

މޯލްޑިވް ގޭހުން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް އެކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ވަނީ އިންޓާނަލް އޮޑިޓެއް ވެސް ހަދާފަ އެވެ.