އިނގިރޭސި މުނިފޫހި ފިލުވުމުގެ ދާއިރާއިން މިދިޔަ ހަފްތާގައި އެންމެ ފާހަގަވި އެއް ހަބަރަކީ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާއި އޭނާގެ ލޯބިވެރިޔާ އެންއެފްއެލް ފުޓުބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސްގެ ގުޅުމާ ބެހޭ ހަބަރެކެވެ.

އެ ދެމީހުންގެ ގުޅުމަކީ ކޮންޓްރެކްޓަކުން އުފެދުނު ގުޅުމެއް ކަމަށާއި އެ ކޮންޓްރެކްޓްގައި ދެމީހުންގެ ގުޅުން ނިންމާލުމާމެދު ކަންކުރާނެ ގޮތް ވެސް ހިމެނިފައިވާ ކަމަށް ހަބަރުތައް ބުންޏެވެ.

"ދަ ކޮމްޕްރިހެންސިވް ޕްލޭން ފޯ ޓްރެވިސް ކެލްސް ރިލޭޝަންސް ފޮލޮވިން ބްރޭކްއަޕް ވިތު ޓޭލާ ސްވިފްޓް"ގެ ނަމުގައި އާއްމުވެފައިވާ އެ ކޮންޓްރެކްޓަކީ އެ ދެތަރިންގެ ގުޅުން ނިމުމަކަށް ގެންނަން ޓްރެވިސްގެ ޕީއާރް ޓީމުން ހަދާފައިވާ ކޮންޓްރެކްޓެއް ކަމަށް ބެލެވެ އެވެ.

އެ ކޮންޓްރެކްޓްގައި ދެ މީހުންގެ ގުޅުން ނިމުމުން ޓްރޭވިސްގެ އެމެރިކަން ފުޓުބޯޅަ ހަޔާތާއި ޒާތީ ހަޔާތަށް ކުރާ އަސަރު ކުޑަ ކުރުމަށް އަޅާނެ ޕީއާރް ފިޔަވަޅުތައް ހިމަނާފައިވެ އެވެ.

އެ ކޮންޓްރެކްޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު އެކަން ވަނީ އެ ދެތަރިންގެ މެދުގައި ވަރަށް ބޮޑު މައްސަލައަށް ވެފައި ކަމަށް ހަބަރުތައް ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓްރެވިސްގެ މީޑިއާ ޓީމުން ބުނެފައިވަނީ ދައުރުވަމުން އަންނަ ލިޔެކިޔުންތަކަކީ އެއްވެސް ހަގީގަތެއް ނެތް އެއްޗެއް ކަމަށެވެ.

ޓޭލާއާއި ޓްރޭވިސްގެ ކޮންޓްރެކްޓް ގުޅުމުގެ އަޑު ގަދަވެފައިވީ މި ދަނޑިވަޅުގައި ޓްރެވިސްގެ 2024 ސީޒަންގެ އެންމެ ފުރަތަމަ މެޗަށް ޓޭލާ ދާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.