މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީއީ 2023 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ރިޕޯޓްކޮށްފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓް 1،669 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މީގެ ތެރެއިން 1،584 އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މާލޭގައި 1،166 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ހުޅުމާލޭގައި 413 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ. ވިލިމާލޭގައި 5 އެކްސިޑެންޓް މިއަހަރު އޮގަސްޓްމަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އޮގަސްޓްމަހުގެ ނިޔަލަށް 2،515 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު -- ފޮޓޯ: ޕޮލިސް

މީގެ އިތުރުން އެ މުއްދަތުގައި މަސްތުވާތަކެތީގެ 1،107 މައްސަލައަކާއި ތަކެތި ގެއްލިގެން ހުށަހަޅާފައިވާ 703 މައްސަލަައެއްގެ އިތުރަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 460 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާކަން އެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މާރާމާރީގެ 459 މައްސަލައާއި އާންމުންގެ މުދަލަށް ގެއްލުންދިނުމުގެ 473 މައްސަލަ، އަދި ގެދޮރަށް ވަދެ ވައްކަންކުރުމުގެ 350 މައްސަލައެއް ހުށަހެޅިފައިވެ އެވެ. ޖިންސީ ކުށްތަކުގެ 233 މައްސަލައެއް އަދި ގެވެށި އަނިޔާގެ 182 މައްސަލަ ފުލުހަށްވަނީ ހުށަހަޅާފަ އެވެ.

މަގުމަތީ އެކްސިޑެންޓުގެ ގިނަ މައްސަލަތަކެއް މި އަހަރު ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް ގިނަ އަދަދަކަށް ނުރައްކާތެރި އެކްސިޑެންޓުތައް ވަނީ ހިނގާފަ އެވެ. އެގޮތުން ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. މީގެ އިތުރުން ބުދަ ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާލިބުނު ޒުވާނާއަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.