ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް ޝިހާމް މުހައްމަދުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެރަށަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވަނީ މިއަދު މާރަންދޫގައި ބޭއްވި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ޝިހާމްއާއެކު މާރަންދޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރަށުގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންނާއެކު މަޝްވަރާކުރެއްވި އެވެ. މިއަދުގެ ޑޯ ޓު ޑޯ ހަރަކާތުގައި، ރަށުގެ ގިނަ ރައްޔިތުން ވަނީ މިއަދުގެ ސަރުކާރު ވެރިކަމަށް އައިފަހުން އެމްޑީޕީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓިފައިވާކަން ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރުން މިރަށަށް ކޮށްދޭން ބުނި އެއްވެސްކަމެއް ކޮށްދެވިފައިވާނުވާއިރު، މާރަންދޫގެ ތަރައްގީއަށް ކުރެވުނު ހުރިހާކަމެއްވެސް ކުރެވުނީ އެމްޑީޕީގެ ވެރިކަމުގައިކަމަށްވެސް ރައްޔިތުން ބުންޏެވެ.

ޝާހިދު މިއަދު ވަނީ މާރަންދޫގެ އެމްޑީޕީ ކެމްޕޭން ޓީމާ ބައްދަލުކުރައްވައި، ޝިހާމް އިންތިހާބުކުރުމަށް ކުރަމުންވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ހިތްވަރު ދެއްވާފަ އެވެ. ކެމްޕޭން ޓީމުން ވަނީ ކެމްޕޭން މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ޝާހިދަށް އެންމެ ފަހުގެ މައުލޫމާތު އަރުވާފަ އެވެ.

މިއަދު މާރަންދޫގައި ބޭއްވި އެމްޑީޕީ ކެންޑިޑޭޓް ޝިހާމްގެ ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ ރައީސް ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އާއި، އިހަވަންދޫ ދާއިރާގެ ދާއިރާ ރައީސް މުހައްމަދު ޝިފާއު އާއި، ކުޑަހުވަދޫ ދާއިރާގެ ދާއިރާ ރައީސް ޝާތިރު އަބްދުއްރަހުމާނާއި، އަންހެނުންގެ ރޫހުގެ ނައިބު ރައީސާ އީމާ ޝަފީގް ބައިވެރިވެވަޑައިގަތެވެ.

މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނީ ސެޕްޓެމްބަރ 14 ވާ ހޮނިހިރު ދުވަހު އެވެ. މާރަންދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ. ރަމީޒަކީ މާރަންދޫގައި އެމްޑީޕީގެ ހަރަކާތްތައް ފެށުނީއްސުރެ އެރަށުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވަމުން ގެންދެވި އެއް މެމްބަރެވެ.