ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފި އެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތަކީ ފައްޔާޒު ނުފޫޒު ފޯރުވައިގެން ކްލިނިކެއް ބަޔަކަށް ދިން ކަމުގެ ތުހުމަތެވެ.

އެމްޑީޕީ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވޯ މަގާމުގެ ނުފޫޒު ފޯރުވައިގެން ހުޅުމާލޭ ކުލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް މިނިސްޓަރު ފައްޔާޒު ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުރީ އެގޮތަށް އެކަންވާން ދޫކޮށްލަން ނޫން ކަމަށާއި މީގެކުރިން ވެސް އެހެން ވިދާޅުވެފައިވާނެ ކަމަށެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި މީގެކުރިން މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފައްޔާޒު އުޅުއްވަނީ މި ސަރުކާރުގައި "ބްރޯ" ހެދިގެން ކަމަށެވެ. މި ސަރުކާރުގައި ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިއިރު، އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވެ، ހަމައެކަނި ފައްޔާޒާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމަކީ ޒާތީ ހަސަދަވެރިކަމެއްކަން ހާމަވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.