ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް ޑޮލަރުން ދައްކާ ގޮތަށް، އާމްދަނީން ޓެކްސްނެގުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ތައްޔާރުކުރުމަށާއި އެފަދަ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް ޑޮލަރުން ދެއްކުމަށް ލާޒިމުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު މިއަދު އިސްލާހުކޮށްފައިވާ ކަމަށެވެ.
މި އިޞްލާޙުގައިވާ ގޮތުން، އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ އެ ފަރާތެއްގެ އިންކަމް ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާންތައް ތައްޔާރުކުރަންވާނީ ޑޮލަރުންނެވެ. އަދި އެ ފަދަ ފަރާތްތަކުން އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސް ދައްކަންވާނީ ޑޮލަރުންނެވެ.
މީގެއިތުރުން، އެ ފަރާތެއްގެ ފަންކްޝަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސްގެ ބަޔާންތައް ތައްޔާރުކޮށް އެ ޓެކްސްތައް ދައްކަންވާނީ ޑޮލަރުން ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ވިތުހޯލްޑިން ޓެކްސްތަކާ ގުޅިގެން މި ގޮތަށް ޢަމަލުކުރަން ލާޒިމުވާނީ އަންނަ އޮކްޓޫބަރު 31 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ޓެކްސް ބަޔާން ތައްޔާރު ކުރުމަށާއި ޓެކްސް ދެއްކުމަށް ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.