ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް ފިލްމީ ދާއިރާ ދޫކޮށް ޔޫރަޕްއަށް އޭނާގެ ދިރިއުޅުން ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ބްރެޑްގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާއެކު އޮތް ގުޅުން ބޮއްސުން ލައިގެން ގޮސް ވަރީގެ މައްސަލަ ކުރިއަށް ދާއިރު ބްރެޑްއާއި އޭނާގެ ދަރިންނާ ދެމެދު އޮތް ގުޅުން ވެސް ދަނީ ހީނަރު ވަމުންނެވެ.

މި ސަބަބަށްޓަކައި އޭނާގެ މާހައުލު ބަދަލުކޮށް ދިރިއުޅުން އާ ފެށުމަކުން ފަށަން ބްރެޑް ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

މިކަމުގައި ބްރެޑްއަށް އެންމެ ބޮޑު ހިތްވަރެއް ދެނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޖޯޖް ކްލޫނީ އެވެ. ޖޯޖް ވެސް މިވަގުތު ދިރިއުޅެނީ ޔޫރަޕްގައި ކަން ފާހަގަކޮށްލެވެ އެވެ.

މިގޮތުގެ މަތިން އެމެރިކާގައި ބްރެޑްއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން ދުރުވެ އަމިއްލަ މަސައްކަތެއް ފެށޭނެ ކަމަށް ޖޯޖް ވަނީ ލަފާދީފަ އެވެ.

ގަހަނާގެ ވިޔަފާރިކުރާ އިނެސް ޑި ރަމޮންއާ މިވަގުތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބްރެޑް ވަރަށް އަވަހަށް އޭނާއާ ކައިވެނިކޮށް ދިރިއުޅުން އަލުން ފަށާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.

އެންޖެލީނާއާއި ބްރެޑްގެ ވަރީގެ މައްސަލަ ކުރިއަށް ދާއިރު އެ ދެމީހުންގެ ދަރިން އެކުދިންގެ ބައްޕައަށް ނަފްރަތުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.