ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ މެންބަރުން އައްޔަންކުރުމަށް އެކުލަވާލެވުނު ޑިރެކްޓަރުންގެ ޕޫލް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކޮށްފި އެވެ.

ޕީސީބީން މިކަމާއި ގުޅިގެން ޖުލައި މަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއީ އެސްއޯއީތަކުގެ ހިންގުމާއި ކުންފުނިތަކުގެ ބޯޑުގެ އޮޑިޓު ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން، ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ މަގާމަށް އައްޔަންކުރާ ފަރާތްތަކަކީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ އިތުރުން މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.

އިއްޔެ އެކުލަވާލާ އާންމުކުރި ޑިރެކްޓަރުންގެ ޕޫލްގައި 48 ބޭފުޅުން ހިމެނެ އެވެ.

ޕީސީބީން އާންމު ކޮށްފައިވާ ފައިނޭންސް ދާއިރާގެ ޑިރެކްޓަރުންގެ ޕޫލް

މި ޕޫލް އެކުލަވާލާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމުގައި އަމަލުކުރާ އުސޫލާއި ކޯޕަރޭޓް ގަވަނަންސް ކޯޑް ފޮ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގައި ބަޔާންކުރާ މިންގަނޑުތަކުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ޑިރެކްޓަރުން އައްޔަންކުރުމަށެވެ.