ރާއްޖެ އިން ޗައިނާ އަށް އަދާކުރަން ޖެހޭ ދަރަނީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ ދެމެދު އަނެއްކާ ވެސް ހިޔާލު ތަފާތުވެއްޖެ އެވެ.
ބީބީސީން ނެރުނު ރިޕޯޓަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި 3.1 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތައް ހިމަނައިގެން އަރާ ވަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ލިޔެކިޔުންތަކުން ފެންނަން އޮތީ 1.1 ބިލަން ޑޮލަރުގެ ލޯން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓްތަކުން، ދަރަނި އަދާކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެތަ؟ މިއިން އެއްވެސް ޕްރޮޖެކްޓެއްގެ ބިޒްނަސް ޕްލޭނަކުން ނުފެނޭ އެ ކަމެއް، ލޯނު އަދާކުރެވޭ ވަރުގެ އާމްދަނީއެއް ހޯދިދާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާގެ ލޯނުތަކަކީ ދަރަނީގެ މަޅިއެއްގެ ގޮތުގައި ސިފަ ކުރައްވައި ދައްކަވަނީ "ހިޔާލީ ވާހަކައެއް" ކަަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހެނީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި ނަޝީދު ދައްކަވަނީ މިނަށް ވުރެ ބޮޑު އަދަދެއްގެ ވާހަކަ ކަމަށް ވިދާޅުވިއެވެ. އަދި ލޯން ދެނީ ވަކި ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗައިނާ އިން ދިވެހިރާއްޖެ އަށް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމަކަށް ވެސް އެ ގައުމަކުން ނޭދޭ ކަމަކަށް މަޖުބޫރެއް ނުކުރަން،" ސަފީރު ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ނަޝީދުގެ ވާހަކަތަކުގައި އަސާސެއް ނެތް ކަމަށެވެ.
ބީބީސީގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާގެ ލޯނުގެ ޖުމުލަ އަދަދަކީ 3.1 ބިލިއަން ޑޮލަރު ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެ ކަމަށް ސާބިތު ކުރެވޭ ވަރުގެ ލިޔެކިއުމެއް ނަޝީދަށް ދެއްކެވިފައެއް ނުވެ އެވެ.