ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ރައީސް މުހައްމަދު ގޮވާލައްވައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަގުރީރުކުރައްވަމުން، ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ހާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަގުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމަށް ރައީސް ވިދާޅުވި އެވެ.
އިޒްރޭލްގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަހްމްވަމުންދާކަން ހަނދުމަފުޅުކޮށް އަރުވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ. ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިޒްރޭލުން ލުބްނާނަށް ހަމަލާދީ، އެ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފަލަސްތީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އދ.ގެ ގަރާރުތަކާއި ބައިނަލްއަޤުވާމީ ގާނޫނުތަކާ ޚިލާފުވެ، އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލް ޖަވާބުދާރީ ކުރުވުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ. އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަގުރީރުގައި ވެސް ތަކުރާރުކުރެއްވި އެވެ.
ރައީސް މިގޮތަށް ތަގުރީރުކުރެއްވި އިޒްރޭލް މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އަދިވެސް ނުކުރެ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ފޮނުވީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް އެކަން މަޖިލީހުގެ ކޮމިޓީގައި އޮތީ ތާށިވެފަ އެވެ.
ހަގީގީ މާނައިގައި މިސަރުކާރުން ފަލަސްތީނަށް އެއްބާރުލުން ނުދެވޭއިރު އެއްވެސް އުރަތްޕެއް ނެތް ހޮޅި ވާހަކަތަކުން ތަގުރީރު ކުރައްވަމުން މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ރައްޔިތުން ލަދު ނުގެންނެވުމަށް މަނިކުފާނަށް ދަންނަވަމެވެ.