އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު (ރިކަރަންޓް އަދި ކެޕިޓަލް ހަރަދު އެކުވެގެން) ވަނީ 28.74 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ ބޮޑުވުމެކެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު:

ރިކަރަންޓް ހަރަދު: 20.8 އިންސައްތަ އިތުރުވެ، 25.00 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކެޕިޓަލް ހަރަދު: 10.2 އިންސައްތަ އިތުރުވެ، 3.75 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓުންނެވެ. ކައުންސިލް ގްރާންޓަށް 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 15.8 އިންސައްތަ (227.2 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ. މީގެއިތުރުން އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 15.54 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އޭގެ ތެރޭގައި ސަބްސިޑީއަށް ކުރި ހަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައިގެ ހަރަދު ވަނީ 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ކެޕިޓަލް ހަރަދުތަކުގެ ތެރެއިން އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 1.20 ބިލިއަން ރުފިޔާއަށް އަރައި 47.1 އިންސައްތަ އިތުރުވެފައިވާއިރު، ބަނދަރުތަކާއި ފާލަންތަކަށް ކުރި ހަރަދު ވަނީ 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް އަރާފަ އެވެ. ނަމަވެސް މަގުތަކާއި، ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް ތިރިވެފަ އެވެ.

އާމްދަނީއަށް ލިބުނު ކުރިއެރުން

ދައުލަތުގެ ހަރަދުތައް އިތުރުވި ނަމަވެސް، ލިބުނު އާމްދަނީއަށްވެސް ވަނީ އެދެވޭ ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.61 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 7.4 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ވިޔަފާރިއާއި މުދަލުން ނެގި ޓެކުހުގެ ގޮތުގައި 5.55 ބިލިއަން ރުފިޔާ އަދި އާންމު ޖީއެސްޓީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީގެއިތުރުން، އިމްޕޯޓް ޑިއުޓީން 2.19 ބިލިއަން ރުފިޔާ، ގްރީން ޓެކުހުން 1.40 ބިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްއިން 1.24 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 105.7 އިންސައްތައިން ކުރިއަރައި، 455.7 މިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.