ކުރިއަރަމުން އަންނަ މި ދުނިޔޭގައި ކޮންމެ މީހަކު ވެސް މިހާރު އުޅެނީ ރޭހެއްގަ އެވެ. މާލީ ކުރިއެރުންތަކާއި ވަޒީފާގެ ކުރިއެރުމުގައި އެކަކަށްވުރެ އަނެކަކު ކުރިއެރޭތޯ އެވެ.

އެހެން ނަމަވެސް ކާރޫބާރު ބޮޑު މި ދިރިއުޅުމުގައި އެއްވެސް "ކަމެއް ނުކޮށް" ހުރުމަކީ ވެސް ސިއްހަތަށް ފައިދާހުރި ކަމެއް ކަމުގައި މާހިރުން ބުނެ އެވެ.

ނަފްސާނީ ސިއްހަތުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދިރިއުޅުމުގެ ކަންކަމުން ކުޑަކޮށް ދުރަށް ޖެހިލާ އަހަރެއްހާ ދުވަހު ކަމެއް ނުކޮށް މަޑުކޮށްލުމަކީ މީހާ ތާޒާވެ ކުރިއަށް ދާންވީ މަގު ފަސޭހައިން ދެނެގަނެވޭނެ ކަމެއް ކަމަށެވެ.

އެގޮތުން އެއް ވަޒީފާއިން ކެނޑުމަށްފަހު އަލުން ވަޒީފާއަކަށް ވަނުމުގެ ކުރިން ނުވަތަ މަތީ ތައުލީމަށްފަހު ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން ވެސް މިފަދަ "ބްރޭކެއް" ނެގުން މުހިއްމު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މިއީ ތިމާގެ ސިކުނޑި "ރީސްޓާޓް" ކޮށްލަން ލިބޭ ފުރުސަތެއްގެ އިތުރުން ސްޓްރެސްއާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުން ވެސް ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

"ސްލޯ މައިންޑްފުލް ލިވިން"އަށް މި ޖީލުގެ ގިނަ ޒުވާނުން އާނބަސް ބުނެ އެކަން އެމީހުންގެ ދިރިއުޅުމުގައި ތަޖުރިބާކުރާ މިންވަރު މިހާރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.