އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، އޮޕަރޭޝަނަށް ގެނެވިފައިވާކަމަށް ފެނަކަ ކޮޕަރޭޝަނުން ބުނެފި އެވެ،

އައްޑުއަށް ފެނާއި ކަރަންޓު ފޯރުކޮށްދޭ ފެނަކަ އިން މިއަދު ހެނދުނު ވަނީ އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ފެން އުފެއްދުމަށް ބޭނުންކުރާ އާރުއޯ ޕްލާންޓުގެ ބޯހޯލް ޕަމްޕަށް މައްސަލައެއް ދިމާވެ ޕްލާންޓު ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން ފެން އުފެއްދުން ހުއްޓިފައިވާތީ އެ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވެ، ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.

މައްސަލަ ޙައްލު ކުރުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކުރާކަމަށް ފެނަކައިން ބުންޏެވެ.

އައްޑޫގައި ފެން އުފައްދާ ޕްލާންޓަށް މައްސަލަ ދިމާވިއިރު، އެ ސިޓީއަށް ފެނަކަ އިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ވެސް ދޭތެރެއަކުން ކެނޑެ އެވެ. އެގޮތުން، މިދިޔަ ހަފްތާގައި ވެސް ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވި އެވެ.