އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އިން އޭނާ ސަލާމަތްވެއްޖެ އެވެ.

ދައުލަތުން ޝިޔާމުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ ދައުލަތުން ޝިޔާމުގެ މައްޗަށް އުފުލި ދައުވާގައި އެކަށީގެންވާ ހެކި ނެތުމުން ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅާކަމަށެވެ. އެގޮތުން ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައި ނުވާ ކަމަށްވެސް ދައުވާގައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު (މިހާރު ނިޔާވެފައި) ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.

ދައުލަތުން ބުނަނީ ސިފައިންގެ އެމްއާރްސީސީގެ ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭއިރު ޖުލައި 18، 2017 އިން ޑިސެމްބަރު 11، 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ އެތަނުގައި ދިރިއުޅުއްވާފައިވާ ކަމަށެވެ.