އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއް ކަމަށްވާ މޮނާޝް ޔުނިވާސިޓީއިން ދުނިޔޭގެ އެންމެ ފުރަތަމަ "ބައޮނިކް" ލޯ އީޖާދުކޮށް ލޯފަން މީހުންނަށް އާ އުއްމީދެއް ގެނެސްދީފި އެވެ.

ދިގު 10 އަހަރުގެ ދިރާސާއަށްފަހު އީޖާދު ކުރެވުނު މި ވިޝަން ޑިވައިސްގެ ފުރަތަމަ ޓެސްޓުތައް މިހާރު ކުރެވިފައިވާއިރު ނަތީޖާތައް ކާމިޔާބު ކަމަށް އެކަމުގައި ހަރަކާތްތެރިވި ސައިންސްވެރިން ބުނެ އެވެ.

ލޮލުގެ ފެނުން ގެއްލެން މެދުވެރިވާ އެންމެ އާއްމު އެއް ސަބަބަކީ ލޮލުން ސިކުނޑިއަށް މެސެޖު ފޮނުވާ ނާރުތަކަށް ގެއްލުންވުން ކަމަށްވާއިރު މި ޑިވައިސްއަކީ އެ ނާރުތަކުގެ ބޭނުން އެއްކޮށް ކަނޑުވާލަދޭ އީޖާދެކެވެ.

އެގޮތުން މި ޑިވައިސްގައި ކެމެރާއެއް ހިމެނޭއިރު އެ ކެމެރާއަށް ފެންނަ މަންޒަރުތައް ދެނެގަނެ ވަޔަލެސް ޑިވައިސްއެއްގެ އެހީގައި ސީދާ ސިކުނޑީގެ ވިޝަން ކޯޓެކްސްއަށް މަންޒަރުތައް ފޮނުވައިދެ އެވެ.

"ދަ ޖެނެރިސް ސިސްޓަމް" ނަމަކަށް ދީފައިވާ މި އީޖާދަކީ ލޮލުގެ ފަރުވާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ އީޖާދެއް ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ލޮލުގެ ބަލިތަކަކީ ދުނިޔޭގައި އިތުރުވަމުން އަންނަ ބަލިތަކަކަށްވާއިރު މިފަދަ އީޖާދަކުން ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ފަރާތްތަކަށް އާ އުއްމީދެއް ލިބިދެ އެވެ.