ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރީގައި ބިދޭސީން ބައިވެރިވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެކަމާ ގުޅޭ ގަވާއިދު މަރުކަޒީ ބޭންކު އެމްއެމްއޭ އިން ނެރެފި އެވެ.

މިހާތަނަށް ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގައި އަމަލުކުރަމުން އައީ އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރު އެކުލަވައިލާފައިވާ "މަނީ ޗޭންޖާ ކަމުގެ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންކަން ކުރަންވީ ގަވައިދު"ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ. އާ ގަވާއިދު ގެޒެޓްކުރުމާއެކު އެ ގަވާއިދު މިހާރު ވަނީ އުވާލައިފަ އެވެ.

އާ ގަވައިދުގެ ދަށުން ދެ ޓިއާއެއްގެ ދަށުން ލައިސަންސް ދޫކުރާއިރު، ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ. އަދި ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ.

މިއަދުން ފެށިގެން އަމަލުކުރާ އެ ގަވާއިދުގައިވާގޮތުން ޓިއަ 1 ގެ ދަށުން ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏަކަމަށެވެ. އެ ކުންފުނީގެ ވެރިފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހެ އެވެ. އަދި އެ ކުންފުނީގައި ބިދޭސީންނަށް މަސައްކަތްނުކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި ޓިއަ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000ރ. ދައްކަން ޖެހޭއިރު، ލައިސަންސް އަހަރީ ފީގެ ގޮތުގައި 24،000ރ. ދައްކަން ޖެހެ އެވެ.

ދުވާލެއްގެ މައްޗަށް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެ އަށް ޖެހޭ ބޭރު ފައިސާގެ އަދަދަކަށް ވާ އަދަދަށް ކަމަށް އެ ގަވައިދުގައި ވެ އެވެ.

ޓިއަ 2 އަކީ ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކާ ގުޅޭ ބައެވެ. ޓިއާ2 ގެ ދަށުން ލައިސެންސް އެޕްލިކޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1،300 ޑޮލަރު ދައްކަންޖެހޭއިރު، ލައިސެންސް އަހަރީ ފީގެ ގޮތުގައި 1،800 ޑޮލަރު ދައްކަންޖެހޭ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ޓިއަ 2ގައި ހިމެނޭ ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށް ނުވަތަ ޓިއަ 1 ގައި ހިމެނޭ ފަރާތަކާ އެކު އެވެ. މީގެއިތުރުން ލައިސަންސް ލިބުމާއެކު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ޖެހޭ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.ވަކިން ޚާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުބްމަނީ ޗޭންޖިން ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރުމުގެ އުސޫލަށް މި ގަވާއިދުގެ ތެރެއިން ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން މި ވިޔަފާރިތައް ހިންގުން ހަރުދަނާވެ، މި ވިޔަފާރިތައް ސްޕަވައިޒްކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.