ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރު އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އެމްއެމްއޭ އިން ގެނެސްފައި ވަނީ ރަގަޅު ނިންމުމެއް ނަމަވެސް، އޭގެ ސަބަބުން އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ 0އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްއޭގެ ނިންމުމުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް މިފިޔަވަޅުތަކުން އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެ ގަވާއިދުގެ މިހާރު އޮތް ގޮތުން ދިވެހި ރުފިޔާ ގިނަ އަދަދުތަކުން ލިބޭ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތަކަށް ބޮޑެތި ގެއްލުންތައް ވެގެންދާނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީތައް ތަފާތުކުރުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު މާކެޓް ރިސޯޓުތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް މި ނިންމުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ނަމަވެސް ގަވާއިދު ތަންފީޒުކުރުމުގައި މައްސަލަތަކެއް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ކުރީ ސަރުކާރުގައި 2022 ވަނަ އަހަރުގެ ތެރޭގައި، ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުގެ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކަށް ލިބޭ ގޮތަށް ކެބިނެޓުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ޓީޖީއެސްޓީ މައްސަލައާ ގުޅިގެން އެމްއެމްއޭއަށް އެ ނިންމުން ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އެއީ އަދިވެސް އެންމެ ރަގަޅު ގޮތް ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

އެހެންކަމުން، އެމްއެމްއޭގެ ނިންމުން މުރާޖައާކޮށް، ކޮންމެ ބޮލަކަށް ވަކި އަދަދެއް ނެގުމުގެ ބަދަލުގައި ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ނެގުމަށް ފައްޔާޒް ވަނީ ގޮވާލައްވާފަ އެވެ.

ކުރިމަތިވެދާނެ ގޮންޖެހުމަކަށް ވިސްނައި ސްކޭޓްހޯލްޑަރުންނާއެކު ފުޅާކޮށް މަޝްވަރާ ކޮށްގެން ރަގަޅު ނިންމުމެއް ނިންމަން ފައްޔާޒް ވަނީ ސަރުކާރަށާއި އެމްއެމްއޭއަށް ގޮވާލައްވާފަ އެވެ.

އެމްއެމްއޭ އިން އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނެފައިވަނީ އޭ ކެޓަގަރީގައި ހިމެނޭ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުން ކޮންމެ މަހަކު އެތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލައި ބޮލަކަށް 500 ޑޮލަރު އެ މަސް ނިމޭތާ ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.

މިގޮތަށް މާރުކުރާ ފައިސާގެ ތެރެއިން 40 އިންސައްތަ ބޭންކުތަކުގައި ބެހެއްޓުމަށްފަހު ބާކީ 60 އިންސައްތަ ޖެހިގެން އަންނަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމްއެމްއޭއަށް ވިއްކަންޖެހޭނެ ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ.