މާލޭ ރައްޔިތުންނަށް ގޯތިދޭން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިތުރު ބިމެއް ހިއްކުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން މިނިސްޓަރު އަސްލަމް ވަނީ މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ގޯތި ދިނުމަށް ކުރައްވާ މަސައްކަތަކީ ކޮބައޮތޯ އީވާ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެފައިވަ ވައުދާ އެއްގޮތަށް ބިން ދޫކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކަން އިއުލާންކޮށް ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅުވައިގެން ރައީސް ނަޝީދު ވަނީ އޭގެ ތަފްސީލް ކޮންމެވެސް ވަރަކަށް ހާމަކޮށްދެއްވާފަ އެވެ. އެގޮތުން އެގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކުމަށްޓަކައި މިހާރު ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވާ ލޯނު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ 11 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ސައިޓްގައި އަމަލީ މަސައްކަތް ފެށިފައި އޮތީ ދެ މަޝްރޫއެއްގައި ކަމަށާއި ޓެންޑާކުރުމުގެ މަރުހަލާގައި އެޗްޑީސީއިން ކުރިއަށްދާ ދެ މަޝްރޫއެއް އެބަ އޮތް ކަމަށެވެ. އަދި ދެ މަޝްރޫއެއް ފްރޭމްވޯކް އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށާއި ނެގޯސިއޭޝަން މަރުހަލާއެއްގައި ދެ މަޝްރޫއެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަކީ އެއް އާމްދަނީއެއް ލިބިގެން އެއް މިންވަރެއްގެ ތަނެއް ބޭނުންވާ ރައްޔިތުން ނޫން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުތަކުން މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މި ހުރިހާ އެންމެންނަށް ވެސް އެއް ގޮތަކަށް ހުރި ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން މަޝްރޫއުތައް ގެންދަނީ ތިން ފަންތީގެ މީހުންނަށް އަމާޒުކޮށް ކަމަށް އަސްލަމް ވިދާޅުވި އެވެ.