ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވާލުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހަދާފައިވާ ޚާއްސަ ގާނޫނު ބުނާގޮތުން އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ މިދިޔަ އަހަރު އިންތިޚާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް އެކަންޏެވެ. ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ އާންމު ރައްޔިތެކެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ކޯޓުތަކާ ބެހޭ ގާނޫނު އޮންނަ ގޮތުން ގައުމުގެ އާންމު މަސްލަހަތާ ގުުޅުންހުރި ދުސްތޫރީ މައްސަލަ ބެލޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލާގެ ބާވަތާއި ގައުމުގެ ހާލަތު އޮތްގޮތުން އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުުރި މައްސަލައެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެ މައްސަލަ ހައި ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކަމަށް ހުކުމްކުރީ އެ މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކައުންސިލް އިންތިޚާބުު އަންނަ މަހު ބާއްވަން ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަލަށް ވާދަކުރަން ހުޅުވާލާ ނަމަ އިންތިޚާބު ފަސްކުރަން ޖެހި، އިތުރު ޚަރަދުތަކެއް އެކަމަށް ހިނގާނެ ކަމަށެވެ.