އިޒްރޭލުން ޣައްޒާގެ ކަމަލް އަދުވާން ހޮސްޕިޓަލްގެ އޮކްސިޖަން ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލްގައި ތިބި ގިނަ ކުޑަ ކުދިންތަކެއް މަރުވެއްޖެ އެވެ.

ރޭ މެންދަމުގެ ވަގުތެއްގައި އިޒްރޭލުން ކަމަލް ހޮސްޕިޓަލަށް ހަމަލާދީ އެ ހޮސްޕިޓަލްގެ އައިސީޔޫއާއި ފެން ޓޭންކްތަކާއި އޮކްސިޖަން ރޫމް ވަނީ ހަލާކުކޮށްލާފަ އެވެ. މިހަމަލާގައި 150 މީހުންވަނީ ޒަހަމްވެފަ އެވެ.

މިއަދު ހެނދުނުވެސް ޔަހޫދީ ސިފައިން ވަނީ އެ ހޮސްޕިޓަލަށް ވަދެގަނެ އެތަނުގައި ތިބި ބަލި މީހުނާއި މުވައްޒަފުންނާއި ޒަހަމްވީ އެންމެން އެތަނުގެ ކޯޓް ޔާޑަށް އެއްކޮށްފަ އެވެ. އަދި ޑޮކްޓަރުން ހިމެނޭގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އޮކްސިޖަން ނުލިބި ގިނަ އަދަދެއްގެ އަލަށް އުފަންވީ ކުދިންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސީދާ އަދަދު އަދި ކަށަވަރުވެފައި ނުވެ އެވެ. ޣައްޒާގެ މިވަގުތު ސަލާމަތުން ހުރި ދެ ހޮސްޕިޓަލްގެ ތެރެއިން އެއް ހޮސްޕޓަލުކަމަށްވާ ކަމަލް އަދުވާން ހޮސްޕިޓަލުގައި އަދިވެސް އިޒްރޭލު ސިފައިން ދަނީ ހަރަކާތްތެރިވަމުން ނެވެ.

އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ. އިއްޔެގެ ވަގުތެއްގައި ނުސީރަތު ކޭމްޕަށް ދިން ހަމަލާގައި 17 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. އެ ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ.