އީރާނަށް ދޭން ބޭނުންވި ހަމަލާދީ ނިމިއްޖެކަމަށް އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނެފި އެވެ.
ހަގާރީ އާއްމުކުރި މެސެޖެއްގައި ބުނެފައިވަނީ އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތައް މިހާހަމައިން ނިންމާލީކަން ކަށަވަރުކޮށްދޭކަމަށާއި އެ ހަމަލާތައް ދިނީ ސީދާ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ކަމަށެވެ.
އީރާނުން ރައްދު ހަމަލާއެއް ދީފިނަމަ އިޒްރޭލުންވެސް ރައްދު ހަމަލާ ދޭނަނެކަމަށްވެސް ވީޑިއޯ މެސެޖެއްގައި ހަގާރީ ބުނެފައިވެ އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އީރާނު ވެރިރަށް ތެހެރާނުގައި ހުންނަ ރިވޮލިއުޝަނަރީ ގާޑުންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް އިޒްރޭލުން ވަނީ ދެ ފަހަރެއްގެ މަތިން ދީފަ އެވެ. ހަމަލާދީފައި ވަނީ ރެވެލިއުޝަނަރީ ގާޑުންގެ އެއާފޯސް އަދި މިސައިލް އުފައްދާ ކާރުހާނާ އަށެވެ. މިތަން ހުންނަނީ ތެހެރާންގެ ޔަފްތާބާދުގަ އެވެ. މި ހަމަލާތައް ދިނުމާއެކު ބާރުގަދަ ގޮވުންތަކެއް އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އީރާނުން ރަސްމީ ސިފައެއްގައި އަދި މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވިނަމަވެސް އީރާނުގެ ތަސްނިމް ނިއުސް އެޖެންސީން ދިޔައީ ބައެއް މައުލޫމާތު ގެނެސްދެމުންނެވެ. އެގޮތުން އެންމެ ފަހުން ހާމަކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު އީރާނުގެ ވެރިރަށް ތެހެރާނުން އިވުނު އަޑުތަކަކީ އިސްރާއީލުން ފޮނުވަމުން އަންނަ ހަމަލާތައް ދިފާއު ކުރާ އަޑުތައް ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލު އެއާ ފޯސްގެ 100 އަށްވުރެ ގިނަ ފައިޓާ ޖެޓް މިހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވެ އެވެ. މި ހަމަލާތަކާއި ގުޅިގެން އިސްރާއީލާއި އީރާނާއި އިރާގުގެ ވައިގެ ސަރަހައްދު ބަންދުކުރި އެވެ.
އީރާނުން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާދޭން ތައްޔާރުވެފައިވާކަމަށްވެސް ތަސްނިމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެ އެވެ.