މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 241 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 691 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ ކުއާޓަރާއި އަޅާބަލާއިރު %0.6 އިތުރުވުމެކެވެ.

ދިރާގުގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުން އެ ކުއާޓަރުގައި 691 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 687 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މޯބައިލް ޚިދުމަތްތަކުންނެވެ. އެއީ 363 މިލިޔަން ރުފިޔާ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސްގެ ދާއިރާއިން ލިބިފައިވަނީ 307 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އެހެނިހެން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 21 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ދިރާގުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ކުއާޓަރުގައި ދިރާގަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ އާމްދަނީއަކީ 282 މިލިޔަން ރުފިޔާ އެވެ. މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި މި އަދަދު ހުރީ 277 މިލިޔަން ރުފިޔާގަ އެވެ.

ޓެކްސްއަށް ކެނޑުމަށްފަހުގައި މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 241 މިލިޔަން ރުފިޔާ ލިބުނުއިރު ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 240 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.