ބައެއް ކުދިން މަޖުބޫރުން އެމްއެންޑީއެފްއަށް ވައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅޭ އުޅުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ކުރިއަށް ގެންދެވޭނީ އިލްމީ ގާބިލު ޒުވާނުންނަށްވެސް އެ ހިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ. އަދި އޯލެވެލް ގައި ރަނގަޅު ނަތީޖާއެއް ހާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުގުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭމަގު ފަހިކޮށްދީ ގައުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖެހިގެންދާނޭ މަގު ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއްނެތި ސަލާމަތީ ޚިދުމަތްތަކުން ފުރުސަތަށް އެދި އެތައް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަން ކަމަށެވެ. ވަކިދާއިރާއަކުން ހިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާ ބީރައްޓެހި ގޮތެއް ކަމަށެވެ. އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޯލެވެލްގައި އެކަށީގެންވާ ނަތީޖާ ނުލިބޭ ޒުވާނުންނަށް އެމްއެމްޑީއެފާ ގުޅުމުގެ ފުރުސަތު ދިނުމަކީ ޑްރަގާއި، އެކިކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް އެފަދަ ވަނުން ހުއްޓުވަން ކުރެވިދާނެ ކަމެއް ކަމަށެވެ.

"އޭގެ ސަބަބުން ސަރުކާރުން އުފުލަންޖެހޭ ބުރަވެސް، މުޖުތަމައުން އުފުލަންޖެހޭ ބުރަވެސް، އެ ކުދިންގެ އާއިލާތަކުންވެސް، އެ ކުދިންވެސް އުފުލަންޖެހޭ ބުރަ ވަރަށްބޮޑު. އޭގެ ސަބަބުން އިގްތިސަދަށްވެސް ނުރަނގަޅު އަސަރު ކުރަމުންދަނީ. އެހެންނަމަވެސް، އެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއްދެވި، މިލިޓްރީ ތަމްރީނުދެވި، ރަނގަޅު ބަޔަކަށްހެދި، ވަޒީފާ ލިބިފައި ތިބޭ ބަޔަކަށް ހެދިއްޖިއްޔާ، އެއީ، އެ ކުދިންނަށްވެސް، ޢާއިލާތަކަށްވެސް، ގައުމަށްވެސް، ސިފައިންނަށްވެސް ކޮށްދެވޭނެ ވަރަށްބޮޑު ކަމަށްވާނެ. އަދި ސިފައިންގެ ޚިދުމަތަށްވެސް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެ،" ޝާހިދު ވިދާޅުވި އެވެ.