ބޮލީވުޑްގެ ޒުވާން ތަރި އިބްރާހިމް އަލީ ޚާންއާއި އޭނާގެ ލޯބިވެރިޔާ ޕަލަކް ތިވާރީ އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

މި ހަބަރުތައް ފެތުރިފައި މިވަނީ އބްރާހިމްއާއި ޕަލަކް ވެސް ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ.

އެ މީހުން ހިއްސާ ކޮށްފައި ވަނީ އެކުގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ނަމަވެސް ދެ މީހުންގެ ފޮޓޯތައް ވެސް ނަގާފައިވަނީ އެއް ރިސޯޓެއްގައި ކަން މީޑިއާއަށް ވަނީ ފާހަގަވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އިބްރާހިމްއާއި ޕަލަކް ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސްގަ އެވެ.

އިބްރާހިމްއާއި ޕަލަކްގެ މި ފޮޓޯތަކާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންގެ ގުޅުން އާއްމުކޮށް އިއުލާންކުރީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓް ކުރަމުންނެވެ.

އިބްރާހިމްއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހްގެ ކައިވެންޏަށް ލިބުނު ދެ ދަރިންގެ ތެރެއިން ދަރި އެކެވެ.