ގައުމީ ޓީޓީ ޓީމުތަކަށް ގްރީސްގެ ތަޖުރިބާކާރު ކޯޗެއް ގެނެސްފި އެވެ.

ޓީޓީ އެސޯސިއޭޝަނުން ގައުމީ ޓީމުތަކުގެ ކޯޗަކަށް ހަމަޖެއްސީ ގްރީސްގެ ކޯޗެއް ކަމަށްވާ ކޮންސްޓަންޓިނޮސް ކޮސްޓޮޕޫލޮސް އެވެ. ކޯޗުގެ ޒިންމާތަކާ ހަވާލުވުމަށް ކޮސްޓަންޓިނޮސް ވަނީ މިހާރު ރާއްޖެ އައިސްފަ އެވެ.

ކޮންސަންޓިނޮސް އަކީ ގްރީސްގައި ޔޫތު ޑިވެލޮޕްމަންޓަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮންސަންޓިނޮސްގެ ފުރަތަމަ މަސައްކަތަށް ވާނީ ކޮމަންވެލްތު ޔޫތު ޓުއާ އާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ޖޫނިއާ ޓީމުތައް ތައްޔާރުކުރުމެވެ.

ކޮމަންވެލްތު ޔޫތު ޓުއާ އާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ލިބިފަ އެވެ.

ޓީޓީން ވަނީ ފަހަކަށް އައިސް ބައިނަލްއަގުވަމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެެވެ. ހާއްސަކޮށް، ޓީޓީގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާކަން ފާހަގަކުރަމެވެ.