ކުރިއަށް އޮތް ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ކުރިމަތިލި ގިނަ އަދަދެއްގެ ކެންޑިިޑޭޓުންގެ ނަންތައް ނެތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ދާއިރާގެ މެންބަރުންގެ ފަރާތުން ވަނީ މި ކަމާ ގުޅިގެން ނޫސް ބަޔާނެއް ނެރެފަ އެވެ. މި ނޫސް ބަޔާނުގައި ދާއިރާގެ ރައީސް ކަމަށް ނެރެފައިވާ ކެންޑިޑޭޓް ހދ، ނައިވާދޫ، އަލިވާގެ، ފަަތުހުﷲ ޖަމީލްގެ ނަން ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ.

ފަތުހުﷲ އަކީ ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓް އިދުރީސް އަބްދުﷲގެ ކެންޕެއިންގައި އިސްކޮށް މަސައްކަތްކުރި މީހެކެވެ. އޭނާ ދާއިރާގެ ރައީސްކަމަށް ކުރިމަތިލާފައި ވަނީ އެ ދާއިރާގެ ގިނަ މެންބަރުންގެ ތާއީދާއި އެދުމުގެ މަތިންނެވެ.

ޕީއެންސީއިން ނެރެފައިވާ ކެންޑިޑޭޓުންގެ ލިސްޓް

ނަމަވެސް ފަތުހުﷲގެ ނަމުގެ އިތުރުން ދާއިރާގެ ނައިބު ރައީސްކަމަށް ކުރިމަތިލި ހދ. ހަނިމާދޫ، ޝުހޫދު ހަސަންގެ ނަމާއި އަދި އެހެން މަގާމްތަކަށް ކުރިމަތިލި އެތައް ބަޔެއްގެ ނަންތައް އިސްލާހުކޮށް ނެރެފައިވާ އާ ލިސްޓުގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެެވެ.

މި ނޫސް ބަޔާނުގައި މި މައްސަލައަކީ އިންތިޚާބާއި ބެހޭ އުޞޫލުތަކާއި ޚިލާފަށް ޕާޓީގެ އެތައް މެމްބަރެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ނިންމުމަކީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގެން ޕާޓީގެ ތެރެއިން ހިންގަމުންގެންދާ ކަންކަންކަމުގައި ނުދެކޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަނިމާދޫ ދާއިރާއަށް ކުރިމަތިލި ފަތުހުﷲގެ ފޯމު ބަލައިގަތް ކަމުގެ ލިޔުން

މި މައްސަލަ ހައްލުނުވެ އިންތިޚާބުގެ ކަންކަން ކުރިޔަށް ދިއުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި ޕާޓީއަށްއޮތް އިތުބާރު ގެއްލި ނަފުރަތު އުފެދިގެން ދާނެކަމެއް ކަމަށް ވާތީ ކެންޑިޑޭޓުންގެ ލިސްޓް އިސްލާހުކޮށް އިންސާފުވެރިކަމާއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް ވަނީ ގޮވާލާފަ އެވެ.