ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށް ފަހު ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އޭނާ ބާތިލް ކުރަން އެދިފައި ވަނީ ކޮން މާއްދާތަކެއް ކަމެއް އެނގިފައި ނުވެ އެވެ.
އިދިކޮޅު އެމްޑީޕީން މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ހުށަހެޅި އެންޓި ޑިފެކްޝަން ގާނޫނުގެ ބިލަކީ މަޖިލީހުގެ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ބޭނުމުގައިކަމަށް އޭރު ބުނެފައިވެ އެވެ.
އެމްޑީޕީން ބިލު މަޖިލީހަށް ހުށަހެޅިއިރު ޕާޓީ ބަދަލު ކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބުނި ނަމަވެސް މިދިޔަ އޭޕްރީލްގައި އެ ބިލު ފާސްކުރީ ގޮނޑި ގެއްލުމަކީ އިހުތިޔާރީ ކަމަކަށްވާ ގޮތަށެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައި މެންބަރަކު ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ އެވެ.
ނަމަވެސް އެ މުއްދަތުގައި އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.