ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ބޭރުގެ ސިފައިންނަށް ރާއްޖޭގައި ތިބެވޭގޮތް ހަދަން ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރަން ވެސް ހުށަހަޅާފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ.

އެ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މި އިސްލާހު ފާސްވެެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބިދާނެ އެވެ.

ގާނޫނުއަސާސީއަށް މި ނޫންވެސް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ބައެއް މާއްދާތައް ވެސް އޭގައި ހިމެނެ އެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ އެ އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭނެގޮތް މަގުފަހިކުރުމެވެ.