އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ހިންގާ ތަހުގީގަށް، ސޯޝަލްމީޑިއާ އެކްޓިވިސްޓް އަދި އެޓޯލް ޕްރެސްގެ އެޑިޓަރު ތޮއްޔިބު ޝަހީމް އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މި މައްސަލައިގައި ތޮއްޔިބު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ. މިއީ އެކްސްގައި ކުރި ޕޯސްޓުގެ މައްސަލައިގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ.

މީގެ ކުރިން ސެޕްޓެމްބަރު 26، 2024 ގައި ވެސް އޭނާ ވަނީ މި މައްސަލައިގައި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އަދި މިފަހަރު އަލުން ހާޒިރުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އިތުރު ތުހުމަތުތަކެއްކޮށް ބަޔާން ނެގުމަށް ކަމަށް ތޮއްޔިބު ބުނެފައިވެ އެވެ.

މި މައްސަލައަކީ އޯގަސްޓު 21، 2024 ގައި ތޮއްޔިބު ކުރި ޕޯސްޓެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް އަސްލު ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއްގެ ހަތަރު ސަފުހާއެއް އާންމުކުރުމާ ގުޅިގެން ހިންގާ ތަހުގީގެކެވެ.

މި މައްސަލައިގައި ފުލުހުން ތޮއްޔިބުގެ މައްޗަށް ތުހުމަތު ކުރަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި، އެފަދަ ލިޔުން ނަކަލުކުރުމުގެ އިތުރުން އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

މި ތަހުގީގުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް މީގެ ކުރިން ފުލުހުން ހިފެހެއްޓުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.