މިއަހަރުގެ އޮގަސްޓް މަހު ރިލީޒް ކުރެވުނު ބޮލީވުޑްގެ ފިލްމު "ސްޓްރީ 2"އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އެ ފިލްމުގެ ލީޑު ފިރިހެން ތަރި ރާޖް ކުމާރު ރާއޯ ފިލްމު ކުޅެދޭ އަގުތައް ބޮޑުކުރި ކަމަށް މީޑިއާގައި އަޑު ފެތުރުނެވެ.
އެގޮތުން އެ ފިލްމަށްފަހު ރާޖުކުމާރު ކުޅެދީފައިވާ ކޮންމެ ފިލްމަކަށް ވެސް ފަސް ކްރޯޑް ރުޕީސްގެ އަގެއް ނަގާފައިވާ ކަމަށް ބައެއް ރިޕޯޯޓުތައް ބުންޏެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެންމެ ފަހުން ރާޖުކުމާރު މިވަނީ އެ އަޑުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައިވަނީ އޭނާގެ ޕްރޮޑިއުސަރުންނަށް ދުއްތުރާ ކުރަން އޭނާއަކީ މޮޔައެއް ނޫން ކަމަށެވެ.
"ކާމިޔާބު ފިލްމެއްގެ ހިއްސާއަކަށް ވުމަކީ އޭގެ ޒާތުގައި އަހަރެންގެ މަސައްކަތުގެ އަގު. ފައިސާއަކީ އެއާއެކު ލިބޭ އިތުރު ފައިދާއެއް" ރާޖް ކުމާރު ބުންޏެވެ.
އުމުރު ހުސްވަންދެން މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެހެން ކަމުން އޭނާ ހިޔާރު ކުރަނީ އޭނާއަށް ތަފާތު އެކްޓިންއެއް ދައްކުވައި ދެވޭނެ ޝައުގުވެރި ފިލްމުތައް ކަމަށް ވެސް ރާޖްކުމާރު ބުންޏެވެ.
ބުނެވޭ ގޮތުގައި "ސްޓްރީ 2"ގައި ރާޖްކުމާރު ދައްކުވައިދިން ވިކީގެ ރޯލަށް އޭނާ ހަ ކްރޯޑް ރުޕީސްގެ އަގެއް ނެގި އެވެ. އެއީ އާއްމުކޮށް އޭނާ ނަގާ އަގަށްވުރެ ބޮޑު އަގެކެވެ. އެ ފިލްމުގެ އަންހެން ތަރި ޝްރައްދާ ކަޕޫރު ފިލްމަށް ނެގީ ފަސް ކްރޯޑެވެ.
އަމަރު ކައުޝިކް ޑައިރެކްޓްކުރި "ސްޓްރީ 2"އަށް ގްލޯބަލް ބޮކްސް އޮފީހުގައި 850 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.