ޖަޕާނުގެ ކިޓަކްޔޫޝޫ ކިޔާ ރަށެއްގައި އޮންނަ ކަވާޗީ ފޫޖީ ބަގީޗާއަކީ ތަފާތު 20 ވައްތަރެއްގެ 150 ވިސްޓޭރިއާ މާ ގަސްތަކުން ފުރާލެވިފައި އޮންނަ ތަނެކެވެ.
މި ބަގީޗާގެ އެންމެ މަގުބޫލު ހިސާބަކީ ވިސްޓޭރިއާ ޓަނަލް ނަމަކަށް ކިޔާ އެކި ކުލަ ކުލައިގެ މާތަކުން ފުރާލެވިފައި އޮންނަ މަގެކެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯއިން ގާތްގަނޑަކަށް ހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ދެވޭ މި ތަނަށް ޒިޔާރަތްކުރުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ އޭޕްރިލް މަހުގެ ފަހުކޮޅު އަދި މެއި މަހުގެ މެދުތެރެ އެވެ.
މިއީ އަމިއްލަ މީހެއްގެ ބަގީޗާއަކަށް ވާއިރު މި ތަނަށް ވަނުމަށް ފައިސާ ދައްކަން ޖެހެ އެވެ. އެއާއެކު ވެސް މި ތަނަށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރެ އެވެ.
މި ތަނަށް އާންމު ގޮތެއްގައި ޒިޔާރަތްކުރަނީ ކައިވެނިކުރުމަށްފަހު ހަނީމޫންއަށް ދަތުރުކުރާ ފަރާތްތައް ކަމަށްވާއިރު، ވިސްޓޭރިއާ ޓަނަލްއަކީ މީހުން އެތަނުގައި ވަގުތު ހޭދަކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ތަނެކެވެ.
މިތަނުގައި ހުންނަ މާ ގަސްތަކަކީ ހަމަ އެކަނި އެމެރިކާގެ އިރުމަތީ ބައެއް ސަރަހައްދުތަކުގެ އިތުރުން ޖަޕާން، ކޮރެއާ އަދި ޗައިނާ ފަދަ މަދު ގައުމުތަކެއްގައި ހެއްދޭ ބާވަތެއްގެ ރީތި މާ ތަކެކެވެ.
މި ބަގީޗާ ދެކޭ މީހުން ބުނާގޮތުގައި މި ތަނަކީ އެމީހުންނަށް މުޅި ދުނިޔެއި ންވެސް ފެނުނު އެންމެ އާދަޔާޙިލާފް އަދި ރީތި އެއް ތަނެވެ.
ޖަޕާނަކީ މިހާރަކަށް އައިސް ގިނަ ދިވެހިންގެ ވެސް ބަކެޓް ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމަކަށްވާއިރު ކަވާޗީ ފުޖީ ގާޑަންއަކީ އެގައުމަށް ދާންވީ އިތުރު ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.