ހައުސިން ނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިިނސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެދޮރުވެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކަށް ވާތީ، މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންމާއި ގުޅޭގޮތުން ކަމާގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކަމާ ގުޅުންހުރި މައުލޫމާތުތައް އާންމުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީ އާއި މި ކޮންސްޓްރަކްޝަން މިިނސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވާއިރު، މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވަނީ ރޯވި އަލިފާން ގަނޑު ނިންވާލާފަ އެވެ. ނަމަވެސް އެ ދެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.