އަނިޔާއެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ނަމަވެސް ދަތެއް ނުވަތަ ދަތްތަކެއް ވެއްޓިފައިވާ މީހުން ވަރަށް ގިނައިން އުޅެ އެވެ.

އެފަދަ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ވެއްޓިފައިވާ ދަތްތައް ހުރި ހިސާބުން އާ ދަތްތައް ފަޅަން މަގުފަހިކޮށްދޭ ބޭހެއް ސައިންސްވެރިން މިވަނީ ޓެސްޓުކޮށްފަ އެވެ.

ޖަޕާނުގެ ސައިންސްވެރިންތަކެއް އުފައްދާފައިވާ މި ބޭހަކީ ތަލިން ވަކިވެފައިވާ ދަތްތައް ހުރި ތަންތަނުގައި އަލުން ދަތް ފަޅާނެ ބޭހެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އިންސާނުންގެ ހަޔާތުގައި އުފެދެނީ ދެ ވައްތަރެއްގެ ދަތްޕިލައެއް ނަމަވެސް ތިންވަނަ ދަތްޕިލައެއްގެ މޫ ތަލީގައި ފޮރުވިފައިވާ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައިވެ އެވެ.

އެ ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވަނީ އެ މުލުން އާ ދަތްޕިލައެއް ފަޅުވައި ގުދުރަތީ ދަތްޕިލައެއް ހޯދުމުގެ ފުރުސަތު އިންސާނުންނަށް އެބައޮތް ކަމަށެވެ.

މި އުފެއްދުމަކީ މުސްތަގުބަލުގައި ޑެންޓަލް އިމްޕްލާންޓްސްއާއި ޑެންޗާސްފަދަ ފަރުވާތަކުގެ ބަދަލަކަށް ބޭނުން ކުރެވިދާނެ ފަރުވާ އެކެވެ.