އެމްއެމްއޭ އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސެއް އިއްޔެ ފަށައިފި އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެމްއެމްއޭގެ އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "އިގްތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން" އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގްތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވި އެވެ.
މިއަދުގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަދެއްކެވި އެވެ.
ގަވަރުނަރު މުނައްވަރުގެ ވާހަކާގައި ރަނގަޅު ސިޔާސަތުތަކެއް ބައްޓަންކުރުމަށް ހަރުދަނާ ދިރާސާތަކެއް ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލެއްވި އެވެ.
ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި އިދާރާތަކުން އިގްތިސާދީ ދިރާސީ މަސައްކަތްތައް ކުރުމުގައި ގުޅިގެން އުޅުމަށާއި ބޭނުންވާ ކުރިއެރުން ހޯދުމަށް މަގު ކޮށޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.
މި ރިސާޗް ކޮންފަރެންސްގައި ވަނީ އެމްއެމްއޭ ރިސާޗް ފަންޑް އިފްތިތާހުކޮށްފަ އެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ އެމްއެންޔޫ ޗާންސެލަރު ޝައުގީ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި އެ ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައި ވަނީ އެއް މިލިއަން ރުފިޔާއާއެކު ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. އަދި މި ފަންޑަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ދެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރި:
1. އިގްތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމް ސެލަންގޫރާއެކު ފަހުމުނާމާއެއްގައި ސޮއިކުރި.
2. ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު ފަހުމުނާމާ އެއްގައި ސޮއިކުރި.
2 ޕެނަލް ޑިސްކަޝަން
- މި ޕެނަލްތައް އެމްއެމްއޭގެ ސޯޝަލް މީޑިއާގައި ލައިވްކުރި.
- ރާއްޖެއާއި ބޭރުގެ އިގްތިސާދީ އަދި ފިންޓެކް ތަޖުރިބާކާރުން ޕެނަލްގައި ބައިވެރިވި.
- ފުރަތަމަ ޕެނަލް ޑިސްކަޝަން ޚާއްސަކޮށްފައިވަނީ ފައިނޭންޝަލް ޓެކްނޮލޮޖީ އަށް.
- ދެވަނަ ސެޝަންގައި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ އުފެއްދުމުގައި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ރާއްޖެފަދަ ގައުމުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު.
3. ދިރާސާ ކަރުދާހެއް ހުށަހެޅުނު.
- ފުރަތަމަ ކަރުދާހުގައި އަލިއަޅުވާލައިފައިވަނީ އާމްދަނީގެ ފަރަގާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފްލޭޝަންގެ ހުރި ތަފާތަކާ ބެހޭގޮތުން.
- ދެވަނަ ކަރުދާހުގައި ބަލާފައިވަނީ ޖީއެސްޓީގެ ސަބަބުން އަގުތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން
- ތިންވަނަ ކަރުދާހަކީ މާލޭގެ ކުލީގެ އަގުތަކާ ބެހޭގޮތުން އެކުލަވާލައިފައިވާ ދިރާސާ ކަރުދާހެއް.
މި ކޮންފަރެންސްގެ ބައެއް ވޯކްޝޮޕްތައް މިއަދު ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.