ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅެނީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅެނީ ސަރުކާރުން ބޭނުންވާ ބަޔަކަށް "ލާރިގަނޑެއް ދޭން" ކަމަށެވެ.
"ސަރުކާރުން ބޭނުންވާ ބަޔަކަށް އަނެއްކާވެސް ލާރިގަނޑެއް ނަގާފައި ޓެކްސީ ދުއްވުމުގެ ހުއްދަ ދޭން މިއުޅެނީ. އެމީހުން ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދޭ ބަޔަކަށް އެމީހުން މިއުޅެނީ ޓެކްސީ ކުރުން ވިއްކާލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމުން ޓެކްސީ ޑްރައިވަރުންނަށް ލިބެމުން އައި އާމްދަނީ ހުއްޓި އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓެކްސީ ޑްރައިވަރުން ވަނީ މިކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ކުރި މުޒާހަރާގައި ބައިވެރިވި ތިން ޓެކްސީ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޓެކްސީ ކުރަމުން އައި 22 ކާރު ފުލުހުން ވަނީ ޓޯކޮށްފަ އެވެ. މިކަމުގެ ސަބަނުން 22 އާއިލާއެއްގެ އާމްދަނީ ހުއްޓިފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ހަތަރު އާ މޫނަކާއެކު ކެބިނެޓު އަލުން އެކުލަވާލައިފި
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފަށަނީ
ރައީސް މުއިއްޒު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި
