ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނުކަމަށް ބުނެ ވަގު އެގްރީމެންޓް ހުށަހެޅި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

އިއްޔެ އެ މައްސަލަ ފަޅާއެރި އިރު، ފަޒީލްއަށް ނުލިބޭ ގޯއްޗެއްގެ އެގްރީމެންޓްކަމަށް ބުނެ އެގްރީމެންޓެއްވެސް ވަނީ ހަދާފަ އެވެ. އަދި ގޯތީގެ ވަށާފާރުވެސް ވަނީ ރާނަން ފަށާފަ އެވެ.

ފަޒީލް ސަސްޕެންޑްކުރިކަން ހާމަކުރަމުން އެމްޑަބްލިއުއެސްސީން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ ފުލުހުންގެ ތަހުގީގަށް ޖާގަދީ، ފުރިހަމައަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މިއަދުން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް، އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ލިއުންތަކުން އެނގޭ ގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ. ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއަށް ފޮނުވާފައިވެ އެވެ.

އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށް ބުނެފައިވެ އެވެ.

ފަޒުލްގެ ނުފޫޒުން އޭނާގެ ބޭބެއަށް ގޯތި ދިނުމަށް މަސައްކަތްކޮށް ކޮރަޕްޝަންގެ ތުހުމަތު ގިނަބަޔަކު ކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ. އެއާ އެކު، ފުލުހުން ރޭ ވަނީ އެޗްޑީސީގެ މައި އިމާރާތަށް ވަދެފަ އެވެ.

މި މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ފަޒުލް ވިދާޅުވީ އެ މައްސަލަ ފުރަތަމަ ފާހަގަވީ އެޗްޑީސީއަށް ކަމަށާއި އެކަން ބަލަން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވީ ވެސް އެ ކުންފުނިން އިސްނައިގެން ކަމަށެވެ. އެ ހުރިހާ މަރުހަލާތަކެއް ހިނގަމުން ދިޔަކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.

އަދި ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުގެ ތެރެއިން ގޯތި ލިބުނު ކަމަށް ބުނެ ވަގަށް ވިއްކި ބިންތަކުގައި އިންފާރު ނުރާނާ ކަމަށް ވިދާޅުވެ ފަޒުލް ވަނީ އިތުރުފުޅު ހައްދަވާފަ އެވެ.

ޕީސީބީން މިއަދު ވަނީ ފަޒުލް ހިމެނޭގޮތަށް އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފަ އެވެ.