އިންޑިއާގެ މަޖިލިސް ރައީސް ޝްރީ އޯމް ބާލާގެ ދައުވަތަކަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް ވަޑައިގަންނަވަން ހަމަޖައްސައިފި އެވެ.

މަޖިލިސް ރައީސްގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާކަން ހާމަކޮށްފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރީޓާ ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ވާގޮތުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދަކާ އެކު މަޖިލިސް ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 10، އިން 14 އަށެވެ.

ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބިއިރު، ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުކިޔާފައިވެ އެވެ. އެ ގޮތުން "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. އެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އަބްދުއްރަހީމެވެ.

އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ދެ ގައުމުގެ ގުޅުން ގޯސްވެފައިވެ އެވެ. އެ މައްސަލަތަކާއެކު އިންޑިއާއަށް ރާއްޖެއަށް ބުލީ ނުކުރެވޭނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިންޑިއާއަށް ރައްދުވެސް ދެއްވި އެވެ.

ރާއްޖޭގެ 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުންވެސް ވަރަށް ބޮޑަށް މަދުވި އެވެ.

ނަމަވެސް ފަހުން ޕީއެންސީގެ ސަރުކާރުން ދަނީ އިންޑިއާއެކު ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.