ސިޔާސީ ކަންކަމާ ނުބެހޭ މުވައްޒަފުން ހިމެނޭގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފި އެވެ.

އެނގިފައިވާގޮތުގައި ގޯތީގެ ވައްކަމާ ގުޅިގެން ސަސްޕެންޝަންގައި ތިބި 15 މުވައްޒަފަކު ވެސް އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެކަމަކު ގޯތީގެ ވައްކަމާ ނުގުޅޭ މުވައްޒަފުންތަކެއް ވެސް ވަނީ ވަކިކޮށްފަ އެވެ.

ވަގަށް ގޯތިތަކެއް ވިއްކި މައްސަލައިގެ ތުހުމަތުގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގައި ހިމެނޭ މެންބަރުންނާއި އެ ކުންފުނީގެ ފަސް މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ފަޒީލް އަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ފައިނަލް ލިސްޓްގައިވާގޮތުން ފަޒީލަކީ ގޯތި ލިބުމަށް ޝަރުތުހަމަވާ މީހެއް ނޫނެވެ. އެކަމަކު އޭނާ ވަނީ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ވަގު އެގްރީމެންޓެއް އެޗްޑީސީއަށް ހުށަހަޅާފަ އެވެ.

ހައުސިން މިނިސްޓްރީން ވެސް ވަނީ އެއީ ވަގު ލިޔުމެއްކަން އެޗްޑީސީއަށް ރަސްމީކޮށް އަންގާފަ އެވެ. ފުލުހުންގެ ތަހުގީގުން ސުވާލުކުރުމުން ފަޒީލް ވިދާޅުވެފައި ވަނީ އެއީ ކުރީގެ ސަރުކާރުން އޭނާއަށް ދިން ލިޔުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ އެ މައްސަލައާ ގުޅިގެން އޭނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަން އޭނާއަށް މިހާތަނަށް ސާބިތުކޮށްދެވިފައެއްނުވެ އެވެ.