ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި މީހުން އަތުން ކައި އުޅެ އެވެ. އެހެންނަމަވެސް ޔޫރަޕްގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ ވަރުން އަތުން ކެއުމަކީ ހަޑި ކަމަކަށް ވަނީ ވެފަ އެވެ. ސަމުސާއާއި އޫ ބޭނުންކޮށްގެން ކެއުމަކީ ފެޝަނެކޭ ބުނާއިރު، އަތުން ކެއުމުން ލިބޭ ފައިދާ އެނގެނީ ކިހާވަރަކަށްހެއްޔެވެ؟

އަތުން ކެއުމުން ގިނަ ބަލިތަކުން ސަލާމަތް ކޮށްދެ އެވެ. ފަހުގެ ދިރާސާ ތަކުން ދައްކާގޮތުން ހަކުރު ބަލި ހުންނަ މީހުންނަކީ އެހެންމީހުންނާއި އަޅާބަލާއިރު ވަރަށް އަވަސް އަވަހަށް ކައި ހަދާ މީހުންނެވެ. އެގޮތަށް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ހަކުރުގެ މިންވަރު އިތުރުވެ އެވެ. ލަސްލަހުން ކާން ބޭނުންނަމަ އަތުން ކެއުން ރަނގަޅެވެ. ލަސްލަހުން ކާނަމަ މަދު ކާއެތިކޮޅަކުން ބަނޑުހައި ހޫނުކަން ފިލުވާލެވިދާނެ ކަމަށް ސިއްޙީ މާހިރުން އެއްބަސްވެފައިވެ އެވެ.

އަތުގައި ހުންނަ ޖަރާސީމުތަކަކީ އަބަދު ނުރައްކާތެރި އެއްޗެއް ނޫނެވެ. އެގޮތުން އަތްތިލައާއި އިނގިލިތަކުގައި ހުންނަ ޖަރާސީމެއް ކަމަށްވާ "ފްލޯރާ" އަކީ އިންސާނާއަށް ފައިދާ ކުރާ ޖަރާސީމެކެވެ.

އަތުން ކެއުމުން އެޖަރާސީމުތައް ވެސް ހަށިގަނޑުގެ ތެރެއަށްދެ އެވެ. އެކަމުގެ ސަބަބުން އަނގައާއި ކަރުތެރެއާއި ގުހޮރަށް ގިނަ ފައިދާތަކެއް ލިބޭއިރު ކާތަކެތި ހަޖަމްކުރުމަށް އެހީތެރިވެ އެވެ.

އެގޮތުން ކާތަކެތީގައި އަތްލުމުން އިނގިލިތަކުގައި ހުންނަ އެންޒައިމްސް ތަކުން ހަޖަމްކުރުމަށް ބޭނުންވާ މާއްދާތައް ބޭރުކޮށްލަ އެވެ. އަދި ހަމައެހެންމެ، އަތުން ކާއިރު އަތުގެ ނާރުތަކާއި ގުޅިފައި ހުންނަ އެހެން ނާރުތަކަށް އެ މެސެޖް އަވަހަށް ގޮސް ފޯރުކޮށްދީ ހަށިގަނޑު އެކަމަށް ތައްޔާރުކޮށްދެ އެވެ.

އެގޮތުން ކާތަކެތީގެ ހޫނު މިންވަރާއި، ކުޅި މިންވަރާއި، ރަހަ އަންގައިދީ އެތަކެތި އަވަހަށް ހަޖަމުކުރުމަށް ގޮހޮރު ތައްޔާރުކޮށްދެ އެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިކުރަން އެހީއަކަށްވެ އެވެ.

ފަހުގެ ދިރާސާތަކަށް ބަލާއިރު އަތުން ކާ އާއިލާތަކުގައި ކެއުމުގެ އާދަތައް އާދަޔާޙިލާފަށް ރަނގަޅުކަމަށް ބެލެވިފައިވެ އެވެ. އެގޮތުން އެއާއިލާތަކުން ބަނޑުހައި ވުމުން ނޫނީ ނުކެއުމާއި ޙާއްސަ ސަމާލުކަން ދީގެން ކެއުން ގެންގުޅުން ހިމެނެ އެވެ.

މީގެ އިތުރުން 8 އަހަރާއި 12 އަހަރުގެ ކުދިން ގެ ބަރުދަން މަތިވުން ވެސް މިފަދަ އާއިލާތަކުގައި މަދުކަން ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން ކެއުމުގައި ސަމުސަލާއި އޫ ބޭނުން ކުރުމުގެ ބަދަލުގައި އަތުން ކެއުމަށް ސިއްހީ ގިނަ މާހިރުން އަބަދުވެސް ލަފާދެ އެވެ.