މި އަހަރަކީ ބޮލީވުޑްގެ ތަރި ކާތިކް އާރްޔަންއަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރެވިފައިވާއިރު ބައެއް ފިލްމުތަކަށް ސޮއި ވެސް ކޮށްފައިވެ އެވެ.
އެގޮތުން ކާތިކް ސޮއިކުރި އެއް ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ "ތޫ މޭރީ މޭ ތޭރާ މޭ ތޭރާ ތޫ މޭރީ" އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމަށް ކާތިކް ވަނީ ރެކޯޑު އަގެއް ޗާޖުކޮށްފަ އެވެ. އެގޮތުން އެ ފިލްމު ކުޅެދިނުމަށް ޖުމްލަ 50 ކްރޯޑް އިންޑިއާ ރުޕީސް ކާތިކް ނެގި ކަމަށް ބުނެވެ އެވެ.
މިކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައި ނުވި ނަމަވެސް އެކަމަށް ބާރުދޭ ބައެއް ކަންކަން ކާތިކްގެ ފަރާތުން ފެނިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން ކާތިކް ވަނީ ދާދި ފަހުން މުމްބާއީގެ އަގުބޮޑު ހިސާބަކުން ދެ އެޕާޓްމަންޓް ގަނެފައި ކަމަށް އޭނާއާ ގާތް ފަރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ބުނެވޭ ގޮތުގައި 2000 އަކަފޫޓު ބޮޑު އެ ދެ އެޕާޓްމަންޓުގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ އަގު 1.75 ކްރޯޑް ރުޕީސްއަށް އަރަ އެވެ.
ނިމިގެންދިޔަ އަހަރު ރިލީޒް ކުރެވުނު ކާތިކްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 3" އަދި "ޗަންދޫ ޗެމްޕިއަން" ހިމެނެ އެވެ.