ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ބެލެވެނީ، އަންނަ ހޮނިހިރު ދުވަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި މިވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ބުނެ އެވެ.

މެޓު އޮފީހުން ބުނީ މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި މޫސުމަށް ހުރިހާ ފަރާތަކުން ވެސް ސަމާލުވާންޖެހޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.

މިގޮތުން ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް ހުޅަނގާއި ހުޅަނދު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެ އެވެ. އަދި އުތުރުގެ ރަށްތަކަށް ވައިޖެހޭނެ ކަމަށް ބެލެވެނީ، އުތުރާއި އިރު އުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

އެހެންކަމުން ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެ އެވެ.

ޢާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓައި ދެމެދުގެ އުސްމިނެއްގައި ނަމަވެސް މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގައި ކުރި ވިއްސާރައަށް ބަލާއިރު 107.7 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ލ. މާވަށަށެވެ. މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ގޯސްވެފައިވާއިރު މިދުވަސްވަރު މޫސުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

މިގޮތުން ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ގެއަށް ފެންވަނުމުގެ ފުރުސަތު އޮތްނަމަ ވެލިބަސްތާ ޖެހުމާއި، ވައިބާރުވެ ފުރާޅު އެއްލާލުން ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބެލެވޭނަމަ، ވާޖަހައިގެން ފުރާޅު ހިފެހެއްޓޭނެ ފަދަ ގޮތަކަށް ތައްޔާރުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.