މި ފެށުނު އާ އަހަރަކާއެކު ހަމަ ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު އުއްމީދަކަށް ވާނީ އުފާވެރި ފާގަތި އަހަރެއް ހޭދަ ކުރުމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަޔާތެއް ވޭތު ކުރުމެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަންކަން ހާސިލް ކުރުމަށް ކުރެވޭނެ ކަންކަމުގެ ގޮތުގައި ސައިންސްވެރިން ބުނެފައިވާ ބައެއް ކަންކަމަށެވެ.
ދީނީ ކަންކަމަށް ވަގުތު ހުސްކުރޭ!
މި ފެށުނު އާ އަހަރު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމަކީ ތިމާއާއި ތިމާ ހެއްދެވި ފަރާތާ އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. ފާއިތުވި އަހަރުތަކުގައި އެ ގުޅުން ހީނަރުވެފައިވާނަމަ އާ އަޒުމަކާއެކު ފަސް ވަގުތު ނަމާދުކޮށް އެ ނޫންވެސް ދީނީ ކަންކަމަށް ފަރުވާތެރި ވާށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ދިރިއުޅުމުން ފެންނާނެ އެވެ.
ރަހުމަތްތެރިކަމަށް އިސްކަން ދީ!
އުމުރުން ދުވަސްވާ ވަރަކަށް ދިރިއުޅުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުން ކަމަށް ސައިންސްވެރިން ބުނެ އެވެ. ސަބަބަކަށްވަނީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަކީ ތިމާގެ ނަފްސާނީ ސިއްހަތު އެތައް ގުނައެއް ރަނގަޅު ކޮށްދޭ ކަމަކަށް ވުމެވެ.
ހިލޭ ސާބަހަށް މަސައްކަތް ކޮށްލާ!
ކަމެއް ކުރުމުން ތިމާއަށް ވާނެ ފައިދާއަކަށް ވިސްނުމުގެ ބަދަލުގައި އަނެކުންނަށް ވާނެ ފަސޭހައަކަށް ވިސްނާލުމަށްފަހު ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ އެކަމުން ތިމާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ ދިރިއުޅުން އުޖާލާވާނެ ކަމެއް ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކަ އެވެ.
ކާބަފައިންނާ ގުޅުން ބަދަހިކުރޭ!
ކާބަފައިންނާއި ތިމާގެ ނަސްލުގެ އަސްލު ހޯދައި އެމީހުންގެ ދިރިއުޅުން ހުރި ގޮތަށް ވިސްނައި އެކަމުން އިބުރަތް ލިބިގަނެ ހިތްތިރި ދިރިއުޅުމެއް ބިނާ ކުރުމަކީ ނަފްސާނީ ސިއްހަތުގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަން ވެސް އިތުރުވާ ކަމެއްގެ ގޮތުގައި ބުނެވެ އެވެ.
ކާމިޔާބީތައް ވަޒަންކުރޭ!
ފާއިތުވި އަހަރުތަކުގައި ތިމާގެ ދިރިއުޅުމުގައި ހާސިލް ވެފައިވާ ކަންތައްތައް ފާހަގަކޮށް އެކަންކަމުގެ އަގު ވަޒަން ކުރާށެވެ. އެއީ ކިތަންމެ ކުޑަ ކަމަކަށް ވިޔަސް އަމިއްލަ ނަފްސަށް ހިތްވަރުދީ ސާބަސް ދޭށެވެ. އެކަމުން ކުރިއަށް އޮތް ދުވަސްތަކަށް އާ ހިތްވަރެއް ލިބޭނެ އެވެ.