ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ އެކު އިންޑިއާ އިން މަޝްވަރާތަކެއް ކުރި ކަމަށް ބުނެ އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހުގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ލިޔުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ވޮޝިންޓަން ޕޯސްޓަކީ ވެސް އަދި އެ ނޫހުގައި އެ ލިޔުން ލިޔުނު ނޫސްވެރިޔާއަކީ ވެސް އިންޑިއާއާ މެދު އަދާވާތްތެރިކަމެއް ގެންގުޅޭ މީހެއް ކަމަށެވެ.

"އެއީ އިތުބާރުކުރެވޭ ބައެއްތޯ ނިންމުމަށް އަޅުގަނޑު ތިބޭފުޅުންނަށް ދޫކޮށްލަން. އަޅުގަނޑުމެން ބަލާއިރު، އެ މީހުންނަކަށް އިތުބާރެއް ނުކުރެވޭ." ރަންދީރު ޖައިސްވާލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން އިންޑިއާގެ ޖާސޫސީ އިދާރާ, ރޯއަށް "ޑިމޮކްރެެޓިކް ރިނުވަލް އިނީޝިއޭޓިވް" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ކަރުދާހެއް ހުށަހެޅި ކަމަށް ވޮޝިންޓަން ޕޯސްޓް ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ކަރުދާހުގައިވާގޮތުން ވެރިކަން ވައްޓާލަން ބޭނުންވަނީ ހަ މިލިއަން ޑޮލަރު ކަމަށް ވެސް ވޮޝިންޓަން ޕޯސްޓްގައި ލިޔެފައިވެ އެވެ.

ވެރިކަން ވައްޓާލުމުގެ މަޝްވަރާތަކުގައި އިންޑިއާގެ ބަޔަކާއެކީ މެދުވެރިޔެއްގެ ރޯލު އަދާކުރި ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް ކޮށްފައިވެ އެވެ.