އުރީދޫ މޯލްޑިވްސްގެ 2025ގެ ކަލަންޑަރު ރޭ އިފްތިތާހުކޮށްފި އެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާއްމުންނާ ހަމައަށް ގެނެސްދޭ މި ކަލަންޑަރު އިފްތިތާހު ކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހަފްލާގައި މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

އުރީދޫން ބުނިގޮތުގައި ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެ އެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭ ނެރެދެއްވަނީ. ފޮޓޯ: އުރީދޫ

"މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ،" އުރީދޫން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.

އުރީދޫގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން. ފޮޓޯ: އުރީދޫ

"ފޯކްލޯރގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާ އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެ ކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

އުރީދޫގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން. ފޮޓޯ: އުރީދޫ

"އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" އެ ކުންފުނިން ބުންޏެވެ.