ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ލޯބީގެ ހަޔާތަކީ އަބަދުވެސް މީޑިއާއަށް ދޭތެރެ ދޭތެރެއިން ފެންމަތިވާ ކަމެކެވެ. އުމުރުން 60 އަހަރާ ކައިރިކޮށްފައިވާއިރު ސަލްމާން އަދިވެސް އެއްވެސް ކައިވެންޏެއް ނުކޮށް ހުރީ ކީއްވެތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ސަލްމާން މިއަދާ ހަމައަށް ވެސް ހުސްކޮށް ހުރީ ލޯބީގައި އޭނާއަށް ކުރެވުނު ހިތި ތަޖުރިބާތަކަކާ ގުޅިގެންނެވެ.
އެގޮތުން ބޮލީވުޑްގެ ތަރި ސަންގީތާ ބިޖްލާނީއާއި ސަލްމާން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރަން ކާޑުތައް ވެސް ޕްރިންޓްކުރި ކަމަށްވެ އެވެ. އެހެން ނަމަވެސް އެ ގުޅުން ވެސް ނިމުނީ ހިތި ގޮތަކަށެވެ.
އޭގެ ފަހުން ވެސް ބޮލީވުޑްގެ ބައެއް ތަރިންނާ ސަލްމާން ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުތައް އެރި އެވެ. އޭގެ ތެރޭގައި އައިޝްވާރްޔާ ރާއީއާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.
ސަލްމާން ޚާންގެ އުމުރު ދެބައިވެފައިވާއިރު ވެސް ކައިވެނި ނުކޮށް ހުރި ސަބަބާ ބެހޭގޮތުން އޭނާގެ ބައްޕަ ސަލީމް ޚާން މީގެ ކުރިން ވަނީ ވާހަކަ ދައްކާފަ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަލީމް ބުނީ ސަލްމާން ކައިވެނި ނުކޮށް ހުރީ އޭނާއަށް ރަނގަޅު އަނތްބެއްގެ ގޮތުގައި ފެންނަ އަންހެނަކާ ބައްދަލު ނުވާތީ ކަމަށެވެ.
އެގޮތުން ސަލްމާން ބޭނުންވަނީ އޭނާގެ މަންމަ ފަދަ ބައިވެރިއެއް ކަމަށާއި އެފަދަ ބައިވެރިއެއް އޭނާއަށް ނުލިބޭ ކަމަށް ވެސް ސަލީމް ބުންޏެވެ.
ސަލްމާން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުއެރީ މޮޑެލްއެއް ކަމަށްވާ އިއުލިއާ ވަންތޫރުއާ އެވެ. އެހެން ނަމަވެސް އެ ގުޅުން އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.