އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މެންބަރުން އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އީސީގެ މެންބަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދު، ދަފްތަރު ނަންބަރު ރސ 1548 އާއި، އަބްދުއްރަހުމާން ސަލާހު ރަޝީދު ރޯޒް، ކ. ހުރާ ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
އީސީގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި އަލީ ނަޝާތު އާއި، މެންބަރު ކަމުގައި ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒާހިދާއި ސަލާހު އީސީ އަށް އައްޔަނުކުރުމާމެދު ރުހުން ހޯދުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. މިގޮތުން މި ދެ ބޭފުޅުން ވެސް އީސީ އަށް އައްޔަނުކުރަން ފާސްވީ، ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި އާނިމަތު ސަރާހަތު އިއްޒަތު އައްޔަންކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ބްރޯޑްކޮމްގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފް ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމުންނެވެ. މި ދެ ގޮނޑިއަށް މެންބަރުން އައްޔަނުކުރަން ނެގި ވޯޓުގައި ސަރާހަތު އައްޔަނުކުރަން ފެންނަ ކަމަށް 68 ވޯޓު، އަދި މުހަންމާ އައްޔަނުކުރަން ފެންނަ ކަމަށް 58 ވޯޓު ލިބުނެވެ.
މަޖިލީހުން ރުހުން ދިނީ ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ލިސްޓުގެ ތަރުތީބަކުން ނޫނެވެ. ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހަންމާ އެވެ. އަދި ދެވަނައިގައި އޮތީ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އެވެ. އެ ލިސްޓުގައި ސަރާހަތު އޮތީ ހަތް ވަނައިގަ އެވެ.