އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ އަލިފާންތަކުގެ ސަބަބުން ދިގު މުއްދަތަށް ކުރާނެ އަސަރުތަކުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މި އަލިފާންތަކުގެ ތެރޭގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް އޮތް ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ.

ތަފާތު ފަސް ސަރަހައްދެއްގައި އަލިފާންގަނޑު އަނދަމުންދާއިރު މުޅި ސަރަހައްދުގައި ފެތުރިފައިވަނީ ބޯ ދުމެވެ. އެ ދުމުން ބޭރުވާ ނުރައްކާތެރި ގޭސްތަކަކީ ދިގު މުއްދަތުގެ ސިއްހީ ގެއްލުންތައް މެދުވެރި ކުރުވާނެ ކަންކަމެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ލޮސް އެންޖެލަސްގެ ރަށްވެހިންގެ މެދުގައި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ދިފާއީ ނިޒާމުގެ ބަލިތައް އިތުރުވާނެ ކަމަށް މާހިރުން ބުނެ އެވެ.

މީގެ އިތުރުން ވެސް އެ ސަރަހައްދުގެ ވައިގައި ހިފާފައިވާ ނުރައްކާތެރި ގޭސްތައް ހަށިގަނޑުގެ ތެރެއަށް ވަދެ އާއްމު ސިއްހަތު ވެސް ދަށްވާނެ ކަމަށް އެ ފަރާތްތަކުން އިންޒާރުދެ އެވެ.

ހަމައެއާއެކު މިވަގުތު މާބަނޑު އަންހެނުން ވިހާ ދަރިންގެ މެދުގައި ވެސް ތަފާތު ބަލިތައް ހުރުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން އިންޒާރުދެ އެވެ.

އެހެން ކަމުން މި ނުރައްކާތެރި ދަނޑިވަޅުގައި ސިއްހަތަށް ފަރުވާތެރިވާން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެމެރިކާގެ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.