ތިނަދޫ ސިޓީގެ ބަނދަރުގައި ހަރުކުރި މޮނިއުމަންޓު ހެދުމުގައި ސިޓީގެ މޭޔަރު ސައުދު އަލީ ޚިޔާނާތުގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ތިނަދޫއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ.

ތިނަދޫގެ ބަނދަރުގައި ހަރުކޮށްފައިވާ މޮނިއުމަންޓު ހެދުމަށް ވާއްޓޭ އިންވެސްޓުމަންޓް ކިޔާ ކުންފުންޏެއްގެ ނަމުގައި ބިޑު ނަގައި އެ މައްސަކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވާ ކުރުވާފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މޮނިއުމަންޓުގެ މަސައްކަތް ތިނަދޫ ފުލެޓުތައް ކައިރީ އޮންނަ ކައުންސިލްގެ ބިމެއްގައި ކުރުވި ކަމަށާއި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށްގެން އެ އިންވެސްޓުމަންޓުގެ ލިޔުމެއް ނެތި އެހެން ފަރާތެއްގެ އެކައުންޓަށް މަސައްކަތުގެ ޕޭމަންޓު ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ސިޓީގައި ބުނީ، ކައުންސިލްގެ ބީއެމްއެލް އެކައުންޓުން އެ ޕޭމަންޓު ޖަމާކޮށްފައިވަނީ ޝޮމާސާ އިންވެސްޓުމަންޓްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. ޝޮމާސާ އިންވެސްޓުމަންޓަކީ އެ ސިޓީގެ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްކަން ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީއާއެކު ޝޮމާސާ އިންވެސްޓުމަންޓަށް ފައިސާ ޖަމާކުރި ސްލިޕާއި ޝޮމާސާ އިންވެސްޓުމަންޓަކީ ތިނަދޫގެ މޭޔަރުގެ އިންވެސްޓުމަންޓެއްކަން އެނގޭނެ ލިޔުންވެސް ވަނީ ހުށަހަޅާފަ އެވެ.