ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތް ދެމުން އަންނަކަށް ބުނާ ”މާސްޓަރ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށްކިޔާ މީހަކު އުޅޭކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް މެސެޖެއްގައި ބުނީ ”މާސްޓަރ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އެ އިދާރާއިން ދެކޭކަމަށެވެ.

އެހެންކަމުން، މިފަދަ ކަންކަމާއި ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފަ އެވެ.

އޮންލައިން ނޫސް "ދައުރު" އިން މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި ހިންދޫ ފާދިރިއަކު ހުޅުމާލޭގައި ގާއިމުހުރެ ރޫހާނީ ފަރުވާ ހޯދައިދޭކަމަށްބުނެ އަންނަނީ އިސްތިހާރު ކުރަމުންނެވެ. މީގެ ދެ ދުވަސް ކުރިން ރާއްޖެ އައި އެމީހާ ސެޝަނަކަށް 300 ގެ މަގުން މިހާތަނަށް 60 އެއްހާ މީހުންނަށް ހިދުމަތް ދީފައިވާކަމަށްވެ އެވެ.